ނޮޅިވަރަންފަރުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ނޮޅިވަރަންފަރުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
4 ޑިސެމްބަރު 2018 ވަނަ ދުވަހު ހަވީރު ނޮޅިވަރަންފަރު ހުނޅަގު ފަރާތު ރަސްމީ ޖެޓީ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަވީރަށް ނޮޅިވަރަންފަރުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން އައިސްފައިވަނީ އެމްއެންޑީއެފް ގެ ކުޑަ މަނަވަރެއްގައެވެ. އެކުދިންނަށް މަލުގެ ހާރުތަކުން މަރުޙަބާ ކިޔާފައިވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމީން އާއި އާކް ޖަމިއްޔާގެ ފަރާތުން ކުރީގެ ޖެންޑަރ މިނިސްޓަރ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އާއި ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް އާއި ސްކޫލު ޕްރިންސިޕަލްގެ އިތުރުން ނޮޅިވަރަންފަރުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން އެވެ.
މިހަވީރު ފެށުމުގެ ގޮތުން ޤުރާން ކިޔަވާފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ކުޑަކުދިންގެ ހަވީރުގެ އިތުރު ހަރަކާތްތައް ފެށިގެން ދިޔައީ ދުވަހާއި ގުޅޭ ޚާއްޞަ ކޭކެއް އެކުދިން ފެޅާ ދިނުމާއި އެކު ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުށަހަޅައިދިން ރީތި މަދަޙައަކުންނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ބޭއްމި މިހަވީރަކީ ނޮޅިވަރަންފަރު ކައުންސިލާއި ސްކޫލު އަދި އެމްއެންޑީއެފްގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ހަވީރެކެވެ. މިހަވީރުގައި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަން، ފެނަކަ ނޮޅިވަރަންފަރު ބްރާނަޗް، ސިއްޙީ މަރުކަޒު އަދި މެޖިސްޓްރޭޓް ކޯޓް، ސްކޫލު ކައުންސިލްގެ އިދާރާގެ އިތުރުން އާކް ޖަމިއްޔާގެ ސްޓޯލުތައް ބައިވެރިވި އެވެ. މީގެ އިތުރުން އެމްއެންޑީއެފް ގެ ވޯޓަރ ސްލައިޑާއި ބަޑިޖެހުމާއި މަނަވަރު ބަލާލުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމް ވިދާޅުވީ މިއީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް މުޖްތަމަޢުގައި އުޅޭ ބައެއްކަން މުޖްތަމަޢަށް ހާމަކުރުން ކަމށާއި އަދި އެކުދިންނަކީ މުޖްތަމަޢުގައި އެހެން ކުދިންގޮތައް ބޭނުންތެރި ކުދިންކަން ދައްކައި ދިނުންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *