ނޮޅިވަރަންފަރު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް މެންބަރުން ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލުކޮށްލެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަރައްޤީއަށާއި ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށްޓަކައި، ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤި ކުރުމަށް 2008 ވަނަ އަހަރު ނަލަވެލި މޯލްޑިވްސް އަށް ދޫކޮށްފައިވާ ބިން ތައްރައްޤި ކުރޭވޭނެ ގޮތެއް ހޯއްދަވައިދެއްވުން އެދިވަޑައިގަތަމުގެ އިތުރުން، ބިނާވެށި ޕްލޭނުގައި 2016 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ހުއްދަ ދެއްވާފައިވާ 10000 އަކަ ފޫޓްގެ ތިން ބިން ކުއްޔަށް ދޫކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދިވަޑައިގަންފައެވެ. އަދި މިކަންކަން ކުރެވޭނެ ގޮތްތަކާއި މެދު ކައުންސިލުންވަނީ މަޝްވަރާކުރައްވައިފައެވެ. މީގެއިތުރުން ރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެމަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ލިބެންނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ނޮޅިވަރަންފަރަށް ބަދަލުކުރެވިފައިވާ ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ގެ ނުލިބިވާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށާއި އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ.
މިދުވަސްކޮޅަކީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުމަށްފަހު ހދ،އަތޮޅުގެ ވެރިކަންކުރާ ރަށް ހދ އަތޮޅުގެ އެހެން ރަށަކަށް ބަދަލުކުރުމާއި ބެހޭގޮތުން ގިނަރަށްތަކަކުން އެކަމުގެ ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ދުވަސްކޮޅަކަށްވަތީ، އޮތޮޅުވެރިކަން އަނބުރާ ނޯލިވަރަންފަރަށް ބަދަލުކުރުމަށް ހުރި ފުރުޞަތުތައް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *