ރައީސުލް ޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ވަޑައިގަތުން.

ދިވެހިރާއްޖޭގެ ޢިތްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފެޅެއްގައި މިއަދު 10:45 ގައި ނޮޅިވަރަންފަރަށް ވަޑައިގަންފިއެވެ. ރައީސްގެ މިދަތުރުފުޅުގައި ނޮޅިވަރަންފަރުގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ” ނޮޅިވަރަންފަރުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ލެބޯޓްރީގެ ޚިދުމަތް ތަޢާރަފު ކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތް ނޮޅިވަރަންފަރުގެ ރައްޔިތުންނަ ލިބިގެން ދާނެކަމަށް، އަދި ނޮޅިވަރަންފަރުގެ ފުޓްބޯޅަ ދަނޑު ރަގަޅުފެންވަރަކަށް ތަރައްޤީ ކުރުމާއި ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމެއް ޤާއިމުކުރުމަށް ޔޫތު މިނިސްޓްރީ އާއި އެކު މަޝްވަރާކުރެވި އެމަސައްކަތްވެސް ކުރިއަށް ދާކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލު ޖުމްހޫރިއްޔާ ވިދާޅުވީ ނޮޅިވަރަންފަރަކީ ލޯކަލް ޓޫރިޒަމް ތަރައްޤި ކުރުމަށް ދެވަނައެއް ނުވާފަދަ ރީތި ރަށެއްކަމަށާއި ނޮޅިވަރަންފަރުގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި ނޮޅިވަރަންފަރުގެ މަގުތައް ރަގަޅު ފެންވަރަށް ހައްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ނޮޅިވަރަންފަރު ކައުންސިލުގެ އެދިލެއްވުމަށް ރައީސް ވަނީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ ނޮޅިވަރަންފަރުގެ ދެކުނުކޮޅުން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއް ތަރައްޤީ ކުރުމަށް 2008 ގައި ނަލަވެލި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށްނުގޮސް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެފަރާތުން ބިންވަކިކޮށް އެހެންފަރާތަކާއި ހަވާލުކުރުމަށް އެދިފައިއެވެ. އަދި 200 އެދުގެ ސިޓީ ހޮޓާ ނުވަތަ ރިސޯޓް ފެންވަރަށް އެސަރަހައްދު ތަރައްޤީކޮށް އިންވެސްޓް ކުރެވޭވެ ފެންވަރުގެ ފަރާތްތައް، ކައުންސިލްގައި ޝައުޤުވެރިކަން ފާޅުކުރަމުން ދާކަމުގައި ފާހަގަކުރެއްވި އެވެ. އަދި ކައުންސިލުންވަނީ ރަށުގެ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުން ރައީސުލް ޖުމުރޫރިއްޔާގެ އަރިހުގައި އެދިފައެވެ.
ނޮޅިވަރަންފަރުގެ ސްކޫލުގެ ފަރާތުންނާއި ފެނަކަ ނޮޅިވަރަންފަރުގެ ބްރާންޗުގެ އިތުރުން ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ވަކިވަކިން ރައީސާ ބައްދަލުކުރައްވާފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޖެޓީ ސަރައްހައްދަށް ނުކުމެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *