ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ސަރަހައްދުން ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރުން

ހދ.ނޮޅިވަރަންފަރުގައި ޗައިނާ މީހުން އަޅާފައިވާ ގެތައް ހިމެނޭ ސަރަހައްދުގައި، ވިއްސާރަ މޫސުމުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ، ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި އަގު ބޮޑެތި މުދަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި، އެސަރަހައްދުގައި ދާއިމީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ހަވާލުކޮށްފައިވަނީ އަލިރާ ޕްރައިވެޓް ލިމިޓެޑް އާއެވެ. 2 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އަލިރާ ޕވޓ ލޓޑ އާއެކު ސޮއިކުރެވުން އެއްބަސްވުމަކީ، 1 ސެޕްޓެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކައުންސިލަށް ތަކެތި ހަވާލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ. ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފެންބޮޑުވާ ސަރަހައްދުންފެށިގެން ބަނދަރަށް ފެން ބޭރުވާގޮތަށެވެ. އެއީ ގާތްގަޑަކަށް 1500 ފޫޓު ދިގު ސަރަހައްދެކެވެ. އެސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވަނީ 6 އިންޗި ފަލަ، މީޑިއަމް ޕްރެޝަރގެ ހޮޅިއެވެ.
2011 ވަނަ އަހަރު އަލަށް އާބަދު ވެފައިވާ އެސަރަހައްދަކީ ކޮންމެ ވިއްސާރަ މޫސުމެއްގައި ފެންބޮޑުވެ، ގޭގެއަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ސަރަހައްދެކެވެ. އެސަރަހައްދަކީ ރަށުގެ ބިމުގެ ލެވެލް ތިރި ހިސާބަކަށްވުމާއެކު ރަށުގެ އެހެން ސަރަހައްދުތަކުގެ ފެންވެސް ޖަމާވަމުންދަނީ އެސަރައްހައްދަށެވެ.
މިހާރު ފެންހިންދުމަށް ބޭނުންކުރަނީ 2015 ވަނަ އަހަރު ޑިސާސްޓަރ މެނޭޖްމަންޓުން ހަދިޔާކޮށްފައިވާ 2.5 އިންޗީގެ ޕަންޕު ބޭނުންކޮށްގެން ފުލުހުންނާއި ފެނަކަ އަދި ރައްޔިތުންގެ އެހީތެރިކަމާއި އެކުގައެވެ.
ދާއިމީ ފެންހިންދާ ނިޒާމް ޤާއިމުރުމުން ރަށުގައި ފެންބޮޑުވާ މައްސަލައަށް އެކަށިގެންވާ ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މިއީ ނޮޅިވަރަންފަރު ކައުންސިލުން 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެތެރެއިން ސީދާ ކައުންސިލް މާލިއްޔާއިން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. ކަމާގުޅޭ އެހެން އިދާރާތަކަށް ބަޖެޓް ސަޕޯޓް ހޯދުމަށް އެދުނު ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން އެއިދާރާތަކުންވަނީ ބަޖެޓް ސަޕޯޓް ލިބޭގޮތް ނުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *