ނޮޅިވަރަންފަރު ދެ ވޮލީ ކޯޓް ހުޅުވުން

ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނިފައިވާ ކުޅިވަރު އެރީނާތައް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރުގައި ޤާއިމުކޮށްދެއްވި ދެ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.
2018 ފެބްރުއަރީ 10 ވަނަ ދުވަހު ރަސްމީކޮށް މިދެ ވޮލީ ކޯޓް ހުޅުއްވައިދެއްވީ ނޮޅިވަރަންފަރު ކައުންސިލުގެ ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަބްދުއްﷲ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް ޙަކީމް އަބޫބަކުރު އެވެ. ކޯޓް ހުޅުއްވާ ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޒިންމާދާރު ވެރިޔާ ވިދާޅުވީ މިއީ ނޮޅިވަރަންފަރަށް ލިބިގެން ދިޔަ ތަރައްޤީ އެއްކަމަށާއި ދެ ވޮލީ ކޯޓަކީވެސް އަމިއްލަ ތަނެއްކަމުގައި ދެކިގެން ސާފުކޮށް ބޭއްވުމަށާއި ފެންސުމައްޗަށް ނޭރުމަށް ހުރިހާ އެންމެނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރައީސުލް ޖުމުހޫރިއްޔާ އަށާއި ޔޫތު މިނިސްޓްރީ އަށާއި ސަރުކާރަށް ޝުކުރު ދެންނެވި އެވެ.
މުއައްސަސާތަކުގެ ވެރިން ނާއި ގިނަ ޢަދަދެއްގެ ޒުވާނުން އަދި ޢާއްމުން ބައިވެރިވި މި ރަސްމިއްޔާތުގައި ކޯޓް ހުޅުވުމަށްފަހު ޒިންމާދާރުވެރިޔާ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙުސައިން ޢަބްދުއްﷲ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް ޙަކީމް އަބޫބަކުރުގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ދެ އިސްރައްވެހިން ވަނީ ވޮލީ ކޯޓް ގައި ސައު ކުރުމުގެ ގޮތުން ބޯޅަ ޖައްސަވާފައެވެ. އެއަށްފަހު ފޮރިގަދަ އަންހެން ވޮލީ މެޗަކާއި ފިރިހެން ވޮލީ މެޗެއް ކުޅެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *